Monday, February 13, 2012

ވެރިކަން ބަދަލުވިގޮތް ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސާފުވުން މުހިންމު: ފެނާންޑޭޒް


ވެރިކަން ބަދަލުވިގޮތް ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސާފުވުން މުހިންމު: ފެނާންޑޭޒް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ރާއްޖޭ ހަމަޖެހުމަށާއި ކުރިމަގަށްޓަކައި ތަހްގީގުކޮށް، އެކަންކަން ސާފުވުމުން ވަރަށް މުހިންމު ކަމަށް އދ. ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑޭޒް ޓަރަންކޯ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ވަޒަންކުރެއްވުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންނެވި ފެނާންޑޭޒް ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަގޮތް ތަހުގީގުކުރުމުގެ މެންޑޭޓް އދ. އަށް އަދި ނެތް ކަމަށާއި ގައުމެއްގެ ދާހިލީ ކަމެއް ތަހުގީގުކުރުމަށްޓަކައި އދ. އާންމު މަޖިލީހުން ނުވަތަ ސަލާމަތީ މަޖިލީހުން ނުވަތަ ހިއުމަން ރައިޓްސް ކައުންސިލުން ފާސްކުރަންޖެހޭނެ ކަމަށެވެ.
ރާއްޖޭގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ހޯދޭނީ ބޭރު ފަރާތަކަށް ނޫން ކަމަށާއި ވެރިކަން ބަދަލުވި ގޮތް ވެސް ތަހުގީގުކުރުމަށްޓަކައި ދިވެހިން އަމިއްލަ އަށް ގޮތްތަކެއް ހޯދުން މުހިންމު ކަމަށް ފެނާންޑޭޒް ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވި ގޮތާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުން ވަރަށް މުހިންމު. އެއީ ޑިމޮކްރެޓިކް ޕްރޮސަސް އަށް މުހިންމު ކަމެއް. ރާއްޖެ ކުރިއަށް ދިއުމަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް،" ރާއްޖޭން ފުރާވަޑައިގެންނެވުމުގެ ކުރިން އދ. ބިލްޑިންގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ފެނާންޑޭޒް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށްޓަކައި ރިޔާސީ ކޮމިޝަނެއް އުފެއްދި ދާނެ ކަމަށާއި ނުވަތަ ރައްޔިތުންގެ މަޖިލީހުން ނުވަތަ ޝަރުއީ ދާއިރާއިން އެކަމަށް އިސް ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ތަހުގީގުކުރުމަށްޓަކައި އދ. ގައި އެދުނު ކޮންމެ އެހީއެއް ވެސް ވެދޭނެ ކަމަށާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާބިލްކަން އިތުރުކުރުމަށް ވެސް އދ. އިން އެހީވެދިނުމަށް ތައްޔާރަށް އޮތް ކަމަށް ފެނާންޑޭޒް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި މުޒާހަރާކުރި ފަރާތްތަކުން ހިންގާފައިވާ ހަމަނުޖެހުންތަކާއި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތްތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ހުރިހާ ފަރާތްތަކަކުން ވެސް ހަމަނުޖެހުމަކަށް ނުދިއުމާއި އިންސާނީ ހައްގުތަކާއި ގާނޫނަށް އިހްތިރާމުކުރުން ވަރަށް މުހިންމު ކަމެއް ވެސް ފެނާންޑޭޒް ވިދާޅުވި އެވެ. "ހަމަނުޖެހުން އުފެއްދުމަކީ ރާއްޖެ އަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ 2008 ވަނަ އަހަރުން ފެށިގެން ހޯދާފައިވާ ޑިމޮކްރެޓިކް ކުރިއެރުންތައް ގެއްލިގެން ދާނެ ކަމެއް. އިގްތިސާދު ވެސް ބަނަވާނެ ކަމެއް،" ފެނާންޑޭޒް ވިދާޅުވި އެވެ.
މިވަގުތު ގައުމީ އެއްބައިވަންތަ ސަރުކާރެއް ގާއިމުވެފައި އޮތުން މުހިންމު ކަމަށާއި އާސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފެނާންޑޭޒް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވިގޮތް ތަހްގީގުކުރުމަކީ މުހިންމު ކަމެއް ކަމަށް މި ހަފުތާގައި ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ރޮބަޓް ބްލޭކާއި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެސިސްޓެންޓް ފޮރިން ސެކްރެޓަރީ އެމް ގަނަޕަތީ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އާ ސަރުކާރު ގަބޫލުކުރައްވާ ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ. 

No comments:

Post a Comment