Wednesday, February 15, 2012

އީޔޫ ވަފުދުން ނަޝީދާ ބައްދަލުކޮށްފި


އީޔޫ ވަފުދުން ނަޝީދާ ބައްދަލުކޮށްފި

      މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދުން، ކުރީގެ ރައީސް މުހަންމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މޫކައި ހޮޓަލުގައި ބޭއްވި މި ބައްދަލުވުމުގައި، ނަޝީދުގެ އިތުރުން ބައިވެރިވެ ވަޑައިގަތީ، އެ މަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތްކުރެއްވި، މުހަންމަދު އަސްލަމާއި އަހުމަދު ނަސީމާއި ސަރަނގު އާދަމް މަނިކާއި ނަޝީދުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސަރުކާރުގައި އުޅުއްވި އިބްރާހިމް ހުސެއިން ޒަކީ އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
ގަޑިއެއްހާއިރަށް ބޭއްވި ބައްދަލުވުމަށް ފަހު، އީޔޫ ވަފުދުން މީޑިއާގައި ހަމައެކަނި ވިދާޅުވީ، "ވަރަށް ބިނާކުރުވަނިވި ވާހަކަތަކެއް ދެކެވުނު" ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ބައްދަލުވުމަށް ފަހު، މީޑިއާ އަށް މައުލޫމާތު ދެއްވަމުން، ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި، މާރިޔާ ވިދާޅުވި ގޮތުގައި، އަވަސް އިންތިހާބެއް ބޭއްވުމަށް ހުރިހާ ފަރާތްތަކުން ވެސް ބުނަމުންދާ ކަމަށް، އީޔޫ ވަފުދުން ވަނީ ބުނެފަ އެވެ. އަދި މާރިޔާ ވިދާޅުވީ، "ފުލުހުން މިކުރާ އަނިޔާ އާއި ކަންކަން" ހުއްޓޭނީ، އިންތިހާބުގެ ވާހަކަތައް ދައްކައިގެން ކަމަށެވެ.
"އެއީ އެ މީހުން ވެސް ދާންޖެހޭނީ ދިވެހި ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން. އެހެންވީމަ ހުރިހާ ކައުންސިލަރުންނާއި މީހުން ހައްޔަރުކޮށްފައި އަދި އޭގެ އިތުރަށް އަޅުގަނޑުމެން އެންމެންގެ ގައިގައި ތަޅާފައި، އަޅުގަނޑުމެންނަކީ ވެސް ހަމަ ވޯޓު ހޯދައިގެން އައިސް ތިބި މީހުން. އެހެންވީމަ އެ ބޭފުޅުން އެކަން ކުރައްވާ ކަމަށް ވާނަމަ ދުވަހުން ދުވަހަށް އެ ބޭފުޅުންނަސް ދެރަވާނެ،" މާރިޔާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ރާއްޖޭގެ މީހުން މިހާރު ބިރެއް ނުގަނޭ. ހަގީގަތުގައި އަޅުގަނޑުމެން ބިރު ފަހަނަޅައި ހިނގައްޖެ."
އޭނާ ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓަށް 2013 ގެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް، ފަނޑިޔާރުގެތަކުން ހުކުމްކުރެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ، އިންތިހާބެއް ވަރަށް އަވަހަށް "އަންނަތަން އަޅުގަނޑުމެންނަށް އެބަފެނޭ" ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ ސަރުކާރު ބަދަލުވާންޖެހޭނީ އިލެކްޝަނަކުން ކަމަށް. މިހާރު މި އޮތް ގޮތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ބައިވެރިވި ރަނިންމޭޓް ނުކުމެ ވަޑައިގެން އެހެން މީހުންނާ އެކީގައި ސަރުކާރު ހެއްދެވުމަކީ އަޅުގަނޑުމެން ވަރަށް ސިއްސައިގެންދާ ކަމެއް. ރައްޔިތުން ގަބޫލުކުރީ އެމްޑީޕީގެ މެނިފެސްޓޯ. އެހެންވީމަ މެނިފެސްޓޯ ތަންފީޒުނުކޮށް ދޮޅު އަހަރު ވަންދެން ތިބެންޏާ ހަގީގަތުގައި ސަރުކާރެއް ކުރާނެ ކަމެއް ނެތް،" ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
އީޔޫ ވަފުދުން މީގެ ކުރިން ވަނީ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކާ ވެސް ބައްދަލުކޮށްފަ އެވެ. 

No comments:

Post a Comment