މިލަންދޫގެ ތިން ކައުންސިލަރަކާ އެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި
ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ށ.
މިލަންދޫގެ ތިން ކައުންސިލަރަކާ
އެކު އިތުރު ހަތް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
އެރަށުން ހައްޔަރުކޮށްފައިވާ ކައުންސިލަރުންނަކީ ކައުންސިލްގެ
ރައީސް މުހައްމަދު ޔާސިރާއި
ނައިބު
ރައީސް އަހުމަދު އިމްރާންގެ އިތުރުން ކައުންސިލް މެމްބަރު އަބްދުﷲ ފާއިޒެވެ. ފުލުހުންގެ
މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މިލަންދޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހަކު
ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން ހަމަނުޖެހުން ހިންގާ އެރަށު ޕޮލިސް
ސްޓޭޝަން ދިން ގެއްލުމުގައި
ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.
ރައީސް މުހައްމަދު
ނަޝީދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ބައެއް އަތޮޅުތަކުގައި ހުރި
ފުލުހުންގެ މަރުކަޒުތަކާއި
ކޯޓުތަކުގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ. އަދި
މައްސަލައާ ގުޅިގެން ފުލުހުންގެ
ތަހުގީގަށް
ހޯދަން ބޭނުންވާ ބައެއް މީހުން އެ މީހުން އުޅޭ ތަންތަން ދޫކޮށް މާލެއަށާއި ރާއްޖޭގެ
އެހެން ރަށްރަށަށް ފިލައިގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ
އިދާރާއިން ބުނެ އެވެ. އަލިފާން ރޯކޮށް އަންދާލައި، ބައެއް ޕޮލިސް
ސްޓޭޝަންތައް ބަންދުކުރުމުގެ
ސަބަބުން 19 ޕޮލިސް ސްޓޭޝަނެއްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ
ބުނެފަ އެވެ. އަދި އޭގެ ތެރޭގައި
މިލަންދޫ
ޕޮލިސް ސްޓޭޝަން ވެސް ހިމެނެ އެވެ
No comments:
Post a Comment