އައްޑޫ ކައުންސިލް މެމްބަރަކު އަނެއްކާވެސް ހައްޔަރުކޮށްފި
މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ އައްޑޫގައި ހިންގި ހަމަނުޖެހުންތަކާ
ގުޅިގެން، ފުލުހުންގެ ތަހުގީގަށް އައްޑޫ ސިޓީ ކައުންސިލްގެ ތިން މެމްބަރަކު
ހައްޔަރުކޮށް، ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ތަހުގީގަށް
އަނެއްކާވެސް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު ހައްޔަރުކޮށްފި އެވެ.
މިރޭ 30: 9 އެހާކަށްހާ އިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން
ވެސް ކޯޓް އަމުރަކާ އެކު، ތަހުގީގަށް ހޯދަމުން ދިޔަ އައްޑޫ ސިޓީ
ކައުންސިލްގެ މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު އަބްދުﷲ
ތޮއްޔިބެވެ. އޭނާ ހައްޔަރު ކުރިކަން ފުލުހުން ވެސް މިރޭ ވަނީ
ކަށަވަރުކޮށްދީފަ އެވެ.
ތޮއްޔިބުގެ އިތުރުން ތަހުގީގަށް ފުލުހުން އަންނަނީ ކައުންސިލްގައި ފޭދޫ
ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު އަހުމަދު މިރުޒާދު ވެސް ހޯދުމުގެ
މަސައްކަތް ކުރަމުންނެވެ. ފުލުހުން ބުނީ އިތުރު ބައެއް މީހުން
ހައްޔަރުކުރުމަށް ވެސް ކޯޓު އަމުރު ލިބިފައިވާ ކަމަށެވެ.
މި މަހު 8
ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ބަޔަކު އެއްލި
ގާބުރިއަކުން ޖެހި، މިރުޒާދުގެ ބޯ ފަޅައިގެން ގޮސްފައިވާތީ ހޮސްޕިޓަލުން
ފަރުވާ ވެސް ހޯދައިފައިވެ އެވެ.
ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން
ތަހުގީގަށް ބޭނުންވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް
ކުރަމުން އަންނަ ކަމަށެވެ.
އަށް ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، މީގެ ކުރިން
އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން
ހިލްމީ އާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީގެ
އިތުރުން ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން
ޝާހިދު ހައްޔަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް މިދިޔަ އާދީއްތަ ދުވަހުގެ
ރޭ އެ ތިން މީހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން އެ ހަމަނުޖެހުންތަކާ ގުޅިގެން ތަހުގީގަށް ރައްޔިތުންގެ
މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް)
މޯޑް ވެސް ހައްޔަރު ކުރުމަށް ފަހު، ފަހުން ގޭ ބަންދަށް ބަދަލުކޮށް އޭނާ
މިހާރު ވަނީ ގޭ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.
އަށް ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަކީ ފަހުގެ ތާރީހެއްގައި
އައްޑު އަށް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ބޮޑެތި ގެއްލުންތައް
ލިބުނު ހާދިސާ އެވެ.
އެމްޑީޕީން މާދަމާ "އިންސާފުގެ ދަތުރު" ގެ ނަމުގައި ބާއްވާ މުޒާރަހާ
އައްޑޫގައި ވެސް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެމްޑީޕީގެ އައްޑޫ
ދާއިރާތަކުން މިހާރު އަންނަނީ ވަރަށް ފޯރިއާ އެކު ކުރަމުންނެވެ.
No comments:
Post a Comment