ނަޝީދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ތާއީދު ނެތުމުން: ރައީސް
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ، ޣައިރު ގާނޫނީ
ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދެވި ނަމަވެސް، އެއީ
ހަގީގަތެއް ނޫން ކަމަށާއި ނަޝީދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ތާއީދު
ނެތްކަން ޔަގީންވުމުން ކަމަށް، ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު
ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ރައީސް ވަހީދު އެހެން ވިދާޅުވީ، ބީބީސީ
ރޭޑިއޯގެ "ޓުޑޭ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ރައީސް ވަހީދު ވިދާޅުވީ، ނަޝީދުގެ ވެރިކަން
ބަދަލުވި ގޮތް ބަލަން އަންނަ ކޮންމެ ފަރާތަކަށް ވެސް މަރުހަބާ ވިދާޅުވާނެ
ކަމަށެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ، އަމިއްލަފުޅަށް
އެއްވެސް މަޖުބޫރުކަމެއް ނެތި ކަމުގައި ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވި ގޮތުގައި، މިހާރު އެ މަނިކުފާނު
އަދާކުރައްވަމުން ގެންދަވަނީ، ގާނޫނު އަސާސީގެ ދަށުން އަދާކުރައްވަން
ޖެހިވަޑައިގަންނަވާ ވާޖިބެކެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ވަހީދުގެ މި އިންޓަވިއުގައި
ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން
ކަންކަން ކުރިއަށް ގެންދެވުމަށް ދެއްވާ އަހަންމިއްޔަތު އެނގިގެންދާ
ކަމަށެވެ. އަދި މިއީ ނަޝީދުގެ އެމްޑީޕީން ގައުމީ މަސްލަހަތު އިސްކޮށް،
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ ވަގުތު
ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
No comments:
Post a Comment