Tuesday, February 14, 2012

ހދ. އަތޮޅު ކައުންސިލްގެ ރައީސާ އެކު ފަސް މީހަކު ހައްޔަރުކޮށްފި


ހދ. އަތޮޅު ކައުންސިލްގެ ރައީސާ އެކު ފަސް މީހަކު ހައްޔަރުކޮށްފި


          ހދ. ކުޅުދުއްފުށީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރާ އެކު ކުޅުދުއްފުށީ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ އިތުރުން ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައީ ވެސް އެ ޕާޓީ އަށް ނިސްތްވާ މެމްބަރުންތަކެއް ކަމަށެވެ. އެ މީހުން ގެންދިޔައީ އެމްޑީޕީ އަށް ބިރުދެއްކުމަށް ކަމަށާއި، އެ ރަށުގެ އެއްވެސް ތަނަކަށް އެމްޑީޕީގެ ބަޔަކު ގެއްލުން ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައެއްގައި ކުޅުދުއްފުށިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ވެސް މިދިޔަ ބުދަ ދުވަހު ގެއްލުން ދިން ތަންތަނުން މީހުން ހައްޔަރުކޮށްގެން ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާ އަށް ތާއީދުކުރުމުގެ ގޮތުން ރަށްރަށުގައި ތިބެ އެމްޑީޕީ އަށް ތާއީދުކުރާ މީހުން ނުކުމެ ބައެއް ރަށް ރަށުގެ ޕޮލިސް ސްޓޭޝަންތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ކޯޓުތަކުގައި ވެސް ހުޅުޖަހައި އަންދާލާފައިވެ އެވެ. އަދި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދީފައިވާ އިރު ބައެއް ރަށްރަށުން ފުލުހުން ފޮނުވާލާފައި ވެސް ވެ އެވެ. 

No comments:

Post a Comment