Tuesday, February 14, 2012

ސަރުކާރު ގަބޫލުނުކުރާކަން އިއުލާންކޮށްދެއްވައި، އިންތިހާބެއް ބާއްވައިދިނުމަށް މަޖިލީހުގެ ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ


ސަރުކާރު ގަބޫލުނުކުރާކަން އިއުލާންކޮށްދެއްވައި، އިންތިހާބެއް ބާއްވައިދިނުމަށް މަޖިލީހުގެ ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ

             ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަކީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން "ބަޣާވާތަކުން" އުފައްދަވާފައިވާ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް އިއުލާންކޮށްދެއްވައި، ރިޔާސީ އިންތިހާބެއް ބާއްވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް ވަހީދު މަގާމާ ހަވާލުވެ ވަޑައިގެންފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި މި ސަރުކާރު ކުށްވެރި ކުރާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކު މަނިިކުފާނުގެ އަރިހުން މި އެދެނީ މިހާރު އުފައްދައިގެން އުޅޭ ޣައިރު ގާނޫނީ ސަރުކާރު ގަބޫލުފުޅު ނުކުރައްވާކަން އިއުލާން ކޮށްދެއްވުމަށެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ސަރުކާރެއް ގާއިމްކޮށް ރާއްޖެ މި ނުރައްކާތެރި ހާލަތުން ސަލާމަތުގެ އައްސޭރިއަކަށް ގެނައުމަށްޓަކައި، މި ދަންނަވާ ކަންކަން ފުރިހަމަ ކުރުމަށް މަނިކުފާނާއި ތިޔަ އިއްޒަތްތެރި މަޖިލީހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންގެ ކިބައިން ވަރަށް އަދަބުވެރިކަމާ އެކު އެދެމެވެ،" އެ ޕެޓިޝަންގައި ވެ އެވެ.
މަޖިލީހުން ކޮށްދިނުމަށް އެ ޕެޓިޝަނުގައި އެދިފައިވާ ކަންތައްތަކުގެ ތެރޭގައި، 7 ފެބުރުއަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިސްނަގައިގެން ހިންގި ބަޣާވާތް މަޖިލީހުގެ ރައީސް ކުށްވެރިކުރައްވައި، ބަޣާވާތް ރާވައި ހިންގި ފަރާތްތައް ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި މަޖިލީހުގެ ރައީސަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އަވަސް މުއްދަތެއްގައި އިންތިހާބެއް ބާއްވައިދިނުމަށް ވެސް ޕެޓިޝަނުގައި އެދިފައިވެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެ ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.
ސަރުކާރު އެމްޑީޕީން ގަބޫލުނުކުރާނެ ކަމަށް ބުނަމުންދާއިރު، މަޖިލީހުގެ ރައީސް ރާއްޖޭގެ ވެރިކަން ދެ މަސް ދުވަހު ކުރައްވާނެ ކަމަށާއި އެ ވެރިކަމުގައި މަޖިލީހުގެ ރައީސަށް އެ ޕާޓީން އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

No comments:

Post a Comment