އަޅުގަނޑުގެ ފުރާނަ ދުއްވާލަން ސިފައިންގެ ބަޔަކު ތާއަބަދު ރާވަމުން ދިޔަ: ރައީސް ނަޝީދު
އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ސިފައިންނާއި ފުލުހުންގެ ތެރެއިން
"ބަޣާވާތްކުރީ" ކޮން ބައެއް ކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ
ކަމަށާއި އެމަނިކުފާނު ހައްޔަރުކޮށް، ފުރާނަ ދުއްވާލުމަށް ސިފައިންގެ
ތެރޭގައި ބަޔަކު އަބަދުވެސް ރާވަމުން ދިޔަ ކަމަށް ކުރީގެ ރައީސް މުހައްމަދު
ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"އެންމެ ފަހުވަގުތުގައި ވެސް އެ
ބޭފުޅުން ބޭނުންވާ ގޮތަށް އެކަން ކުރުމަށް ރާވަމުން ގެންދެވި. އެހެން
ނަމަވެސް މާތް ރަސްކަލާނގެ އިރާދަފުޅާއެކީގައި އަޅުގަނޑަށް މިހިރީ ތި
ބޭފުޅުންނާ އެކީގައި މިތަނުގައި ހުރުމުގެ ފުރުސަތު ލިބިފައި،"
އާޓިފިޝަލްބީޗުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ވިދާޅުވި
އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ސިފައިންގެ ތެރެއިން
ރޭވުންތަކެއް ރާވަމުން ދިޔަ ކަމަށް ވިދާޅުވި ނަމަވެސް އެކަން ރޭވީ
ކޮންބައެއް ކަމަށް މިރޭގެ ޖަލްސާގައި ވިދާޅެއް ނުވެ އެވެ.
ރާއްޖޭގެ
ވެރިކަން މިހާރު ހިސޯރުކޮށްގެން ތިބީ ބާޣީން ކަމަށް ވިދާޅުވެ ނަޝީދު
ވިދާޅުވީ ރައްޔިތުންނަށް އަނިޔާވިޔަ ނުދެއްވާނެ ކަމަށެވެ. އެކަމާ ދެކޮޅަށް
ޖާނާއި މާލު ދެއްވައިގެން ނަމަވެސް ރައްޔިތުން ރައްކާތެރިކުރައްވާނެ ކަމަށް
ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އަވަސް އިންތިހާބެއް
އިއުލާންކުރަން ދެން ހުރިހާ ރައްޔިތުން މަދަނީ ބަސް ނޭހުމުގައި ތިބުމަށް
ކުރީގެ ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
ރައްޔިތުން އެދޭ ފަދަ
ވެރިކަމެއް ވޯޓަކުން ގާއިމްކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް މިރޭ ވެސް
އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ބަޣާވާތަކުން ވެރިކަން
ވައްޓާލި ގޮތް ދުވަހެއް ދުވަހަކަށް ވުރެ ބޮޑަށް އެމަނިކުފާނަށް އަންނަނީ
ސާފުވަމުން ކަމަށެވެ.
"އެކަން ހިނގާދިޔަ ގޮތާއި އެ ރޭވުން ރޭވި
ބޭފުޅުންނާއި އެ ރޭވުމުގެ ހީލަތްތެރިކަމާއި އެ ރޭވުމާއި ފުލުހުންނާއި
ސިފައިންނާ ހުރި ގުޅުމާއި ސިޔާސީ ވެރިންނާއި ވިޔަފާރިވެރިންނާ އޮތް ގުޅުން
އަޅުގަނޑުމެންނަކަށް އޮޅިފައެއް ނެތް. ބޭންކް އެކައުންޓްތަކާއި ފައިސާ
ހިނގި މަގާއި އަދި އެކި ރޭވުންތައް ރޭވި ގޮތްތައް އަޅުގަނޑުމެންނަށް ވަރަށް
ރަނގަޅަށް އެނގޭ،" ނަޝީދު ވިދާޅުވި އެވެ.
އެ ރޭވުން ކުރިއަށް
ގެންދިޔަ ގޮތުގެ ބައިނަލްއަގުވާމީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް މިރޭ ވެސް
ނަޝީދު ވިދާޅުވި އެވެ. އަދި :ބަޣާވާތްކޮށްފައިވާ ފުލުހުންނާއި ސިފައިން"
އެކަހެރިކޮށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ "ސާފު" ކުރުމަކީ ރާއްޖޭގެ
މުސްތަގުބަލަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމަށް ވެސް ވިދާޅުވި
އެވެ.
ވެރިކަން ވައްޓާލުމުގެ އެންމެ އަޑީގައި ހުންނެވީ ރައީސް
މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ތުހުމަތުކުރައްވައި ވިދާޅުވީ
އެމަނިކުފާނުގެ އިތުރުން ވެސް އެތައް "ބާޣީންނެއް" ވެރިކަން
ބަދަލުކުރުމުގައި ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން އެ
ބަޣާވާތުގެ ވާހަކަތައް ރައީސް ނަޝީދާ ހިއްސާކުރައްވާފައިވާ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ މަސައްކަތްކުރީ
ރައްޔިތުންތަކެއް ނެތިކޮށްލާފައި ނަމަވެސް، ރާއްޖޭގައި އުފެދިފައިވާ ގާނޫނީ
ސަރުކާރު ވައްޓާލުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވަހީދު
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދާނެ ކަމަށް
ވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެކަން ވެއްޖެ
ނަމަ އެމަނިކުފާނު ދެކެވަޑައިގަންނަވާނީ އެއީ މުއުޖިޒާތެއްގެ ގޮތުގައި
ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ހުވަފެންތައް މިހާރު
ބަލަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި
ގައުމުގައި ބަޣާވާތްކޮށްފައި ބާޣީ ލީޑަރު ވިދާޅުވަނީ އަޅެ، ތިމަންނާ
ބާޣީއަކާ ވައްތަރުހޭ. ޝައިތާނާ ސީދި އޮޑިއަށް އެރިއިރު ޝައިތާނާގެ
ނިއްކުރީގައި ވެސް ތިމަންނާ އަކީ ޝައިތާނާއޭ ޖަހާފައި ހުއްޓޭ ބުނާ އަޑެއް
ނާހަން. އިބުލީހަކީ ކާކު ކަން އަޅުގަނޑުމެންނަށް އެނގެނީ އިބުލީސް ހުންނަ
ސިފައަކުން ނޫން. ނުލަފާ ކަމާ ނުރަނގަޅު ކަމަކީ އިންސާނާގެ ކިބާގައި މާތް
ކަލާނގެ ލައްވާފައިވާ ލާނެތްކަން،" ނަޝީދު ވިދާޅުވި އެވެ.
އަދި
އެއްބައިވަންތަ ސަރުކާރެއްގެ ގޮތުގައި އުފައްދަވަން އުޅެނީ "ގޮނޑި ކޮއްކޮ"
ސަރުކާރެއް ކަމަށާއި އެ ސަރުކާރުން ކުރަން އުޅޭ ކަމަކީ "އުޑަފައިން އިށީނދެ
އިނދެގެން ތިބެ ބަތްކައްކާ ކުޅުން" ކަމަށް ވެސް ވިދާޅުވި އެވެ. ބައެއް
އިރުއިރުގައި އަކުން ބަކުން އަށް ބަދަލުވާނެ ކަމަށާއި ބައެއް ފަހަރު ދެން
ނުކުޅޭނަމޭ ކިޔާފައި ދުރަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ
ބައްދަލުވުމުގައި ނަޝީދު ވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި
ކުރީގެ ރައީސް މައުމޫނަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ
ދައްކައިފަ އެވެ. ނަޝީދު ވިދާޅުވީ އޭނާ އަނދަގޮޑީގައި ބައިންދާފައި
ފުލުހުން ފޮނުވައި އަނިޔާކުރެއްވި ކަމަށެވެ.
"ބާޣީންގެ ހަގީގީ
ލީޑަރު ކިނބިގަސްދޮށުގޭ މައުމޫން އެބަ ވަޑައިގަންނަވާ. މިހާރު ފެންނަނީ
ވަހީދު ބާޣީ. އެ ބޭފުޅާ އެއީ ވަގުތީގޮތުން ވެރިކަމުގައި އިންނެވި
ބޭފުޅަކަށް ވުމީ އަޅުގަނޑުގެ ހިތް ބުނާގޮތުގައި އެންމެވުން އެކަށީގެންވާ
ކަންތައް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި
ސަރުކާރާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަށް ނުކުތުމުން އެމަނިކުފާނު ވެސް
ފިހާރައެއްގެ ތެރޭގައި ހުންނަވަނިކޮށް ގެންނަވައި ކުރިމަތިފަރާތުގައި
ހިފައި އަނގަޔަށް ވެސް އަތްކޮށްޕާފައިވާ ކަމަށެވެ. އެމަނިކުފާނާ ދޭތެރޭ
އެގޮތަށް ކަންތައް ކުރެއްވި ފުލުސް މީހާ އަށް ވެސް މާފުދީފައިވާ ކަމަށް
ނަޝީދު ވިދާޅުވި އެވެ.
No comments:
Post a Comment