ނަޝީދު އިސްތިއުފާ ދެއްވާކަން ކުރިން ފޯނުން ވިދާޅުވި: ޔާމީން
ކުރީގެ ރައީސް މުހަންމަދު ނަޝީދު މި މަހުގެ 7 ގައި އިސްތިއުފާ ދެއްވުމުގެ
ކުރިން، އެ ވާހަކަ ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަދި މުލަކު ދާއިރާގެ
މެމްބަރު އަބްދުﷲ ޔާމީންގެ އަރިހުގައި ވިދާޅުވި ކަމަށް އޭނާ ވިދާޅުވެއްޖެ
އެވެ.
ޔާމީން މިއަދު ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވާކަން ވިދާޅުވީ، އެ ވަގުތު
ދިމާވެގެން އުޅޭ މައްސަލައާ ބެހޭ ގޮތުން އިންޑިއާ ހައި ކޮމިޝަނަރު، ޑީއެމް
މުލޭއާ އެކު ބައްދަލުވުމެއްގައި އިންނަވަނިކޮށް ކަމަށެވެ. އަދި ނަޝީދާ
ވާހަކަ ދެއްކެވީ، އެ މަނިކުފާނުގެ ފަރާތްޕުޅުން އިންޑިއާ ހައި ކޮމިޝަނަރާ
ބައްދަލުކުރައްވަން، ހައި ކޮމިޝަން އޮފީހަށް ވަޑައިގެން އިންނެވި
އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމްދީދީގެ ފޯނުން ކަމަށް ވެސް ޔާމީން
ވިދާޅުވި އެވެ.
"އަޅުގަނޑާ ރައީސް ނަޝީދާ ފޯނުން ވާހަކަ ދެއްކީ އެ ދުވަހުގެ ހެނދުނު 11- 12
އާ ދެމެދުގެ ވަގުތެއްގައި. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ
މަސްލަހަތަށް ބަލާފައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުމޭ. އެ
ގޮތަށް ނިންމައިފީމޭ. ތިމަންނަ އަކީ ބާރުގެ ބޭނުންކޮށްގެން އެއްވެސް
ގޮތަކަށް ވެރިކަމުގައި ހުންނަން ބޭނުންވާ މީހެއް ނޫނޭ. އެކަމަކު ތިމަންނަގެ
ޕާސަނަލް ސޭފްޓީ ކަށަވަރު ކޮށްދެއްޗޭ އަޅުގަނޑު ކައިރީގައި ރައީސް ނަޝީދު
ވިދާޅުވި،" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑާ [ނަޝީދު] ވާހަކަ ދެއްކެވީ
ވަރަށް ހަމަޖެހިފައި ހުރެ. އެއްވެސް ހާސްކަމެއް ނެތް. ރުޅިވެރިކަމެއް ނެތް.
މަޖުބޫރީ ހާލަތަކަށް އައިސްފައި ހުރި ނަމަ އަޅުގަނޑާ ވާހަކަ ދެއްކި
ގަޑީގައި އެ ވާހަކަ ވިދާޅުވީސްކަން ޔަގީން."
ޔާމީން ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ޑރ. ޑީޑީގެ
އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު
އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)އާ ވެސް ފޯނުން ވާހަކަ ދެއްކެވި
ކަމަށެވެ. އެކަމަކު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމަށް އެއްވެސް
ފަރާތަކުން މަޖުބޫރުކުރި ކަމެއް އެއިން އެއްވެސް ބޭފުޅަކު އޭރު ވިދާޅުނުވާ
ކަމަށް ޔާމީން ވިދާޅުވި އެވެ.
"މަޖުބޫރުކަމެއް އޮތް ނަމަ އެ މަޝްވަރާ ރައީސް ނަޝީދު ކުރައްވާނެ ކަމަށް
އަޅުގަނޑު ގަބޫލު ކުރަނީ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ސިފައިންގެ
ތެރޭގައި އޭރު އުޅުއްވި ކަމަށް އެނގޭ. ޑިފެންސް މިނިސްޓަރު ތޮލްހަތު
[ސިފައިންގޭގައި] އުޅުއްވާ. ނަސީމް [ފޮރިން މިނިސްޓަރު] އުޅުއްވާ ކަމަށް
އެނގިފައި އޮތް. އަދި އެހެން ބޭފުޅުން ވެސް ނެތް ކަމެއް ނޭނގޭ. އެއިން
ބޭފުޅަކާ ވެސް އެ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާނެ ކަމަށް އަޅުގަނޑު
ދެކެނީ މަޖުބޫރީ ހާލަތަކަށް ދިޔަ ނަމަ،" ޔާމީން ވިދާޅުވި އެވެ.
ރައީސްކަމުން އިސްތިއުފާ ދެއްވިކަން މީޑިއާ ކުރިމަތީގައި އިއުލާން
ކުރެއްވިއިރު، ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ، އެ މަނިކުފާނު
ރައީސް ކަމުގައި ހުރެއްޖެނަމަ، ރައްޔިތުންނަށާއި ރާއްޖެ އަށް އެތައް
ގެއްލުންތަކެއް ވާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އެކަމަކު ފަހުން އެކި މީޑިއާތަކުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ،
އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނޯންނާނެ ކަމަށް، ކުރިން ސިފައިންގެ
ކާނަލެއްގެ ގޮތުގައި އުޅުއްވި ކާނަލް ނާޒިމް އަދި މިހާރުގެ ޑިފެންސް
މިނިސްޓަރާއި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަދި މިހާރުގެ ޕޮލިސް
ކޮމިޝަރު އަބްދުﷲ ރިޔާޒު އެންގެވުމުން ކަމަށެވެ. އަދި އެ ބޭފުޅުންނާ
ގުޅިފައިވާ ސިފައިންގެ އިސް އޮފިސަރުންތަކެއް ނަޝީދު އިސްތިއުފާ ދެއްވުމަށް
މަޖުބޫރުކުރުވީ ކަމަށް އެ މަނިކުފާނު ފަހުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދި އިސްތިއުފާގެ ސިޓީ ލިޔުއްވީ ވެސް މަޖުބޫރީ ހާލަތުގައި ކަމަށް ވެސް
ނަޝީދު ވިދާޅުވެ އެވެ.
No comments:
Post a Comment